ލުބްނާނުގައި ހަރަކާތްރެރިވާ ހިޒްބުﷲ ޖަމާއަތުން އިއްޔެ ދިން ރޮކެޓް ހަމަލާތަކުގެ ސަބަބުން އިޒްރޭލު ތެރޭގައި ބިރުވެރިކަން އުފެދި އެތައްބަޔަކު އިޒްރޭލު ދޫކޮށް ފުރަން ފަށައިފިއެވެ.
ހިޒްބުﷲ އިން އިއްޔެގެ ވަގުތެއްގައި އިޒްރޭލަށް ފޮނުވާލީ ތިންސަތޭކަަށްވުރެ ގިނަ ރޮކެޓާއި ޑްރޯން ހަމަލާ، އިޒްރޭލުގެ ބައެއް އަސްކަރީ މަރުކަޒުތަކަށް އަރައި އިޒްރޭލުގައި އިއްޔެ ކުއްލި ހާލަތުވެސް އިއުލާން ކުރިއެވެ. އަދި އާންމުން ބީޗްތަކާއި އާންމުން އެއްވެއުޅޭ ތަންތަނަށް ނުނިކުތުމަށް އިޒްރޭލުގެ ހައްދުފަނައެޅި އަސްކަރިއްޔާއިން ވަނީ އަމުރު ކޮށްފައެވެ.
އިޒްރޭލުގެ އިންޓަނޭޝަނަލް އެއަރޕޯޓް، ބެން ގުރިއޮން އެއަރޕޯޓަށް ފުރަން ގޮސްތިބި ބައެއް މީހުން މީޑިޔާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައި ވަނީ ބޯމަތިން އަބަދު ރޮކެޓާއި ޑްރޯން އުދުހޭ އުދުހުމަކީ ބޮޑު ބިރުވެރިކަމަކަށް ވެއްޖެކަމަށެވެ. އަދި އެމީހުންނަށް އިޒްރޭލުން ރައްކާތެރިކަން އިހްސާސް ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އިޒްރޭލު ދޫކޮށް ފުރާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ހަމާސް ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއަށްފަހު މިހާތަނަށް ބައި މިލިޔަނެއްހައި މީހުން އިޒްރޭލު ދޫކޮށް ގޮސްފައިވާ ކަމަށް ދައްކައެވެ.
ހިޒްބުﷲ އިން އިއްޔެ ދިން ހަމަލާތައް ދިފާއު ކުރުމުގައި އިޒްރޭލު ވަރަށް ބޮޑަށް ފެއިލްވެގެން ގޮސްފައިވާ މަންޒަރު ވަނީ ފެނިފައެވެ. ހިޒްބުﷲ އިން ވަނީ އެޖަމާއަތުގެ ޑްރޯންތަކުން އިޒްރޭލުގެ ވެރިރަށް، ތެލް އަވީވު މަތިން ނަގާފައިވާ ބައެއް ވީޑިއޯތައް އާންމުކޮށް އިޒްރޭލުގެ ކޮންމެ ތަނަކަށްވެސް ހަމަލާ ދިނުމުގެ ގާބިލްކަން ދުނިޔެއަށް ދައްކާލާފައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ އާއި އިނގިރޭސިން އިސްވެ އޮވެ، ފަލަސްތީނުގައި ބިމުގައި ޔަހޫދީންނަށް އިޒްރޭލު ނަމުގައި ދައުލަތެއް އުފައްދައި، އެމެރިކާގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ގިނަ އަދަދެއްގެ ބިންތައް މިދިިޔަ 76 އަހަރު ތެރޭގައި އިޒްރޭލުން ވަނީ ފޭރިގަނެފައެވެ.