އެ އެފްރިކާއަށް މަކުނު ވިދުރި ނުވަތަ މްޕޮކްސް ވެކްސިންގެ ފުރަތަމަ ބެޗް މި ހަފްތާގައި ލިބޭނެ ކަމަށް އިޢުލާނުކޮށްފައެވެ. މިއީ އެހެން ސަރަޙައްދުތަކަށް މީގެ ހަފްތާތަކެއް ކުރިން ވެކްސިން ލިބުނު ފަހުންނެވެ.

އެމެރިކާއިން ހަދިޔާކުރި 10،000 ވެކްސިން ޑޯސްއަކީ މަންކީޕޮކްސްގެ ނަމުގައި އެނގިފައިވާ މި ބަލީގެ އައު އަދި ނުރައްކާތެރި ވައިރަސް ވެރިއަންޓެއް ފެތުރުން ހުއްޓުވުމަށް ފަރުމާކޮއްފައިވާ ވެކްސިންތަކެކެވެ.

މަކުނު ވިދުރި ވެކްސިން 70 އަށްވުރެ ގިނަ ޤައުމުތަކުގައި ލިބެން ހުރި ނަމަވެސް، އެފްރިކާއަށް ވެކްސިން ލިބުން ލަސްވުމުން ދުނިޔޭގެ ޞިއްޙީ ހަމަހަމަކަމާމެދު ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ. ސިއްހަތު މާހިރުން ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އެފްރިކާއަށް ދިން ރިސްޕޮންސް ލަސްވުމާމެދު ފާޑުކިޔާފައެވެ. އަދި އެފްރިކާގައި މި ބަލި އޮތްތާ އެތައް ޒަމާނެއް ވެފައިވާއިރު، އެފްރިކާއަށް ވެކްސިން ލިބޭނެ މަގު ފަހިކޮށްދޭން ފަށާފައިވަނީ މި މަހު ކަމަށް ފާހަގަކޮށްފައިވެއެވެ.

އޯގަސްޓް 14 ގައި ޑަބްލިޔުއެޗްއޯއިން މަކުނު ވިދުރި ބައްޔަކީ ދުނިޔޭގެ ސިއްޙީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އިޢުލާނުކުރިއެވެ. މިއީ ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކުން 'ކްލޭޑް އައިބީ' ވޭރިއަންޓް އެ ގައުމާ އިންވެގެންވާ ގައުމުތަކަށް ފެތުރުމާ ގުޅިގެންނެވެ. ނަމަވެސް، އެފްރިކާގެ ސަރުކާރުތަކަށް ވެކްސިން ހޯދުމަށް ބޭރުގެ އެހީއަށް ބަރޯސާވާން ޖެހުނެވެ. އެއީ ބައިނަލްއަޤްވާމީ އެހީތެރިކަން ލަސްވުމާ ގުޅިގެންނެވެ.

އެފްރިކާ ސީޑީސީގެ އަންދާޒާގައި، 10 މިލިއަން ޑޯޒް ބޭނުންވެދާނެ ކަމަށް ބެލެވެއެވެ. އަދި ޑަބްލިޔުއެޗްއޯ އިން މިހާރު ދަނީ ވެކްސިން އުފައްދާ ފަރާތްތަކަށް އެމަރޖެންސީ ލައިސަންސް ހޯދުމަށް ބާރުއަޅަމުންނެވެ.

ފާޑުކިޔުންތެރިންގެ ނަޒަރުގައި، މި މައްސަލައިގައި އެފްރިކާ އެކަހެރިވެފައިވާ މިންވަރަކީ، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެ ކޮންޓިނެންޓު ކުރިމަތިލާން މަޖުބޫރުވި ގޮންޖެހުންތަކުގެ ހަނދާން އާކޮށްދޭ ކަމެކެވެ.