ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑީވްސް ލިމިޓެޑް (ޑީބީއެމް) ގެ ޗެއަރޕާސަން އަރުނީ ގޫނެޓިލެކެ އަދި ސީއީއޯ ނޮއެލް ގްރެގޮރ ޕެޓަރސަން-ޖޯންސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުވުން ބޭއްވުނީ މިއަދު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި، ރައީސް ޑރ. މުޢިއްޒު، ޑީބީއެމްގެ ޗެއަރޕާސަން އަދި ސީއީއޯއާއެކު، ދިވެހިރާއްޖޭގެ އިގްތިޞާދު ކުރިއަރުވައި އަދި ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ރައިސް އޮޕީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

މި މަޝްވަރާތަކުގައި ޗެއަރޕާސަން އަދި ސީއީއޯގެ މި ދާއިރާއިން ލިބިވަޑައިގެންފައިވާ ފުޅާ ތަޖުރިބާއާއި ޢިލްމުގެ ބޭނުން ހިއްޕެވިއެވެ.

ޗެއަރޕަރސަން އަރުނީ ގޫނެޓިލެކެ އަކީ ދުނިޔޭގެ މާލީ މާކެޓްތަކުގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މާލީ ޚިދުމަތްތަކުގެ މާހިރެކެވެ. އޭނާ ޚާއްޞަވެފައިވަނީ ވިޔަފާރި އުފެއްދުމާއި، ގަވަރނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އުފައްދަމުން އަންނަ މާކެޓްތަކުގައި ރިސްކް މެނޭޖްމަންޓަށެވެ.

އަރުނީގެ ތަޖުރިބާގެ ތެރޭގައި ބައިނަލްއަޤްވާމީ އަދި ސްރީލަންކާގެ ބޭންކުތަކުގައި ކޯޕަރޭޓް ބޭންކިންގ، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް އަދި އިންޓަރނަލް އޮޑިޓްގެ ދާއިރާތަކުގައި ބަދަލު ގެނައުމުގެ މަޤާމުތައް ހިމެނެއެވެ. މީގެ އިތުރުން އަރުނީ ވަނީ ހާވަޑް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯސް (އެލް.އެލް.އެމް) ހާސިލުކޮށްފައެވެ.

ސީއީއޯ ނޮއެލް ގްރެގޯރ ޕެޓަރސަން-ޖޯންސް އަކީ ގްރީން އިންވެސްޓްމަންޓްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑު ޤާއިމުކުރުމުގައި ޗީފް އިންވެސްޓްމަންޓް އޮފިސަރެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން، ނޮއެލް އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއަރމަންކަން ކުރައްވައި، އަދި ދެކުނު އޭޝިއާގައި ސާފު ހަކަތައިގެ މަޝްރޫޢުތައް ހިންގަވައެވެ. މިކަންކަމުން ނޮއެލްގެ ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ތަޖުރިބާ ހާމަވެއެވެ. ނޮއެލް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖްމަންޓް ސްޓަޑީޒްގެ އެމް.ފިލް ޑިގްރީއެއް ހާސިލުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް ލިމިޓެޑް ވަނީ 16 މެއި 2024 ގައި، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް އުފައްދަވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖެއަށް އިންވެސްޓަރުން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއްކަމަށެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ފާހަގަކުރެއްވީ ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓް ފަހިކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މި ބޭންކުން މަގުފަހިކޮށްދޭނެކަމެވެ.

ޑީބީއެމްގެ މަޤްޞަދަކީ ބޭރު ފައިސާގެ ޑިޕޮސިޓްތައް އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވުމެވެ. މި ބޭންކުގެ ބޯޑުގައި ބައިނަލްއަޤްވާމީ މާލީ މާހިރުން ހިމެނޭނެއެވެ. މިއީ ބޭންކުގެ މަސައްކަތްތައް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު ކުރިއަށްދާނެކަން ކަށަވަރުކުރުމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ ޑީބީއެމް އުފެއްދުމަކީ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންގެ މުހިންމު ބައެއްކަމެވެ. ބޭންކް ހިންގުމުގެ ލައިސަންސަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ. އަދި އެކަށީގެންވާ މައި އޮފީހެއް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.