ށ. މާއުނގޫދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮގަސްޓު މަހުގެ 24 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ށ. އަތޮޅު ފުލުހުންނާއި އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު އަދި ސްކޫލު ގުޅިގެންނެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، މީސްމީޑިއާ މެދުވެރިކޮށް ހިންގާ ތަފާތު އެކި ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ދަރިން ތަރުބިއްޔަތުކުރުުމުގައި ހޭލުންތެރިކުރުވުމާއި ދަރިން ތަރުބިއްޔަތުކުރުމުގެ ތެރެއިން ދިރިއުޅުމުގެ ރީތި އަދަބުތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.

ސްކޫލު ދަރިވަރުންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި އިންޓަނެޓުން ބައްދަލުވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ދިރިއުޅުމުގެ ރިވެތި އަދަބުތަކާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.