މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެވިޑް ކޮލެޖަށް އެޅި ފިޔަވަޅު އުވާލައިފިއެވެ.

އެމްކިއުއޭއިން އެ ކޮލެޖުގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ، ކަނޑައެޅިފައިވާ ގަވާއިދުތަކާ ޚިލާފަށް ކޯސްތައް ހިންގަމުން ގެންދިޔުމުގެ މައްސަލައަކާ ގުޅިގެންނެވެ.

އެމްކިއުއޭއިން ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވިޑް ކޮލެޖަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން، އެ ކޮލެޖުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖަޢާކުރުމުގެ ގޮތުން، މި މަހުގެ 18 ވަނަ ދުވަހު އެވިޑް ކޮލެޖުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވެއެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، މި މަހުގެ 22 ވަނަ ދުވަހު އެމްކިއުއޭގެ ޓީމުން އެ ކޮލެޖަށް ޒިޔާރަތްކޮށް، ފާހަގަކުރެވިފައިވާ މައްސަލަތައް ބެލުމަށްފަހު، އެ ކަންތައްތައް އެކަށީގެންވާ މިންވަރަށް އިޞްލާޙުކުރެވިފައިވާކަމަށް ފާހަގަކުރެވޭތީ، އެ ކޮލެޖަށް އަޅާފައިވާ ވަގުތީ ފިޔަވަޅުތައް އުވާލާފައިވާކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

އެމްކިއުއޭއިން ކުރިން ވަނީ އެވިޑް ކޮލެޖަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ޚިލާފަށް ހިންގަމުންދާ ކަންކަން އިޞްލާޙުކުރުމަށް އަންގާފައެވެ. މީގެ އިތުރުން، އިތުރު ޕްރޮގްރާމްތަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރާނެކަމަށް އަންގައި، ކުރިން ހިންގަމުންދިޔަ ބައެއް ޕްރޮގްރާމްތައް ހުއްޓާލުމަށާއި އެ ޕްރޮގްރާމްތަކުން ސަނަދު ދޫކުރުން ހުއްޓާލުމަށް އެމްކިއުއޭއިން ވަނީ ނިންމާފައެވެ.