މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއަކުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ 15 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައުލޫމާތު އިމިގްރޭޝަނުން ހާމަކޮށްފައިވަނީ މިއަދު 'އެކްސް' ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައެވެ.

އިމިގްރޭޝަނުގެ އެ ޕޯސްޓްގައި ބުނެފައިވަނީ އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އާދިއްތަ ދުވަހު ހ. ބިއަންކާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. އަދި ކަމާގުޅުންހުރި އިދާރާތަކުން އެ ގޭގައި ހިންގަމުންދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސްވެސް ދެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި އޮޕަރޭޝަނަކީ އިމިގްރޭޝަނުން މިދިޔަ މަހުގެ މެދުތެރޭގައި ތައާރަފުކުރި 'އިމިގްރޭޝަން ވޮޗް' ޕޯޓަލްގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ. އަދި މި ޕޯޓަލްގެ ދަށުން ލިބޭ މައުލޫމާތުތަކުގެ އަލީގައި އިމިގްރޭޝަނުން ވަނީ ގިނަ ތަންތަން ބަލައި، ގަވާއިދާ ހިލާފު ބިދޭސީން ހައްޔަރުކޮށްފައެވެ.