ސައުދީ އަރަބިއްޔާގެ މުއްސަނދި ކްލަބު އަލް ހިލާލުން، އާޖެންޓީނާގެ ސުޕަރ ސްޓަރ ލިއޮނަލް މެސީއަށް މިދިޔަ އަހަރު އެއްބިލިޔަން ޔޫރޯގެ މުސާރައެއް ހުށަހެޅިކަން ހާމަވެއްޖެއެވެ.
"ފޮކްސް ސްޕޯޓްސް އާޖެންޓީނާ" އާ ހަވާލާދީ އިޓަލީގެ މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ މީގެ ގަޑިއެއްހައިއިރު ކުރިން އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަލް ހިލާލުން މެސީއަށް އަހަރަކަށް 1 ބިލިޔަން ޔޫރޯ ހުށަހެޅި ކަމަށެވެ. މިއެއްބަސްވުން މެސީ ގަބޫލް ކުރިނަމަ އޭނާ ވާނީ ދުނިޔޭގެ ތާރިހުގައި ބިލިޔަން ޔޫރޯގެ މުސާރައަކަށް ކްލަބު ބަދަލުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެކަމަކު އެހުށަހެޅުމަށް މެސީ ދިނީ ފުރަގަހެވެ. މެސީ ގަބޫލް ކުރީ އެމެރިކާގެ އިންޓަރ މިއާމީއިން ހުށަހެޅި އެއްބަސްވުމެވެ. މިއާމީއިން މެސީއަށް ހުށަހެޅީ އަހަރަކަށް 20.4 މިލިޔަން ޑޮލަރުގެ މުސާރައެކެވެ.
މިދިޔަ އަހަރުގެ ޖޫންގައި ޕީއެސްޖީ ދޫކޮށް އިންޓަރ މިއާމީއަށް ބަދަލުވުމުގެ ކުރިން ބުނީ ސައުދީ ލީގުގެ ބަދަލުގައި އެމެރިކާ ލީގް އޭނާ އިހްތިޔާރު ކުރީ އޭނާގެ އާއިލާއަށް އެންމެ ރަނގަޅީ މިގޮތް ކަމުގައި ދެކޭތީ ކަމަށެވެ.
ޔޫރަޕުގައި ކުޅުމަށްފަހު މަޝްހޫރު ބައެއް ތަރިން ކެރިޔަރުގެ ފަހުކޮޅު އަދި ބައެއް ކުޅުންތެރިން ކެރިޔަރުގެ މެދުތެރެއިން ބޮޑެތި މުސާރަތަކަށް އެންމެ ގިނައިން މިހާރު ބަދަލުވަމުންދަނީ ސައުދީ ލީގުގެ ކްލަބުތަކަށެވެ. މެސީއާ ވާދަވެރި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒީމާ، ނޭމާވެސް ކުޅެމުން ދަނީ ސައުދީ ލީގުގައެވެ.