ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިފަދައިން ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ. މިގޮތުންކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި، ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ޙައްލުތަކާގުޅޭގޮތުން މަޝްވަރާކޮށް، ދައުލަތުގެ އާމްދަނީން މި ފައިސާ ދައްކާ ޚަލާސްކުރުން ހިމެނެއެވެ. އަދި ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި، ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރާއީސް ވަނީ ނިންމަވާފައެވެ. ހަމައެހެންމެ، ދައުލަތަށް ފައިސާ ދައްކަން ޖެހޭ ވިޔަފާރިތަކުން، ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައި ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.