ޒަޔަނިސްޓް އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲ ޖަމާއަތުގެ ސްޕެޝިއަލް ފޯސަަސްގެ ވަރުގަދަ ކޮމާންޑަރު އިބްރާހިމް އާގިލް އިއްޔެ ޝަހީދު ކޮށްލައިފިއެވެ.

ޒަޔަނިސްޓް އިޒްރޭލުގެ ހައްދު ފަހަނައެޅި އަސްކަރިއްޔާއިން ބުނީ އާގިލްއަށް ހަމަލާދީނީ ހިޒްބުﷲ ޖަމާއަތުގެ ރަޑްވާން ގޮފީގެ އިސް 20 އޮފިސަރުންނާއެކު ބެއިރޫތުގައި ބައްދަލު ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ. ލުބްނާނު ސަރުކާރުން ބުނެފައި ވަނީ އިޒްރޭލުން ހަމަލާދީނީ 7 ފްލޯގެ އިމާރާތަކަށް ކަމަށާއި އިޒްރޭލުގެ ހަމަލާތަކުގައި މުޅި އިމާރާތް ބިމާ ހަމަވެފައިވާ ކަމަށެވެ. އާގިލް އާއި ހިޒްބުﷲ ޖަމާއަތުގެ ސީނިއަރ އޮފިސަރުން ބައްދަލު ކުރައްވަމުން އޭރު ގެންދެވީ މި އިމާރާތުގެ ދެވަނަ ފްލޯގައި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުން ދިން ލާއިންސާނީ މި ހަމަލާގައި އާގިލް ޝަހީދުވެފައިވާކަން ލުބްނާނު ސަރުކާރުންވެސް ވަނީ މީޑިޔާތަކަށް ޔަގީން ކޮށްދީފައެވެ.

އާގިލްއަކީ އެމެރިކާއިންވެސް އަވާރަކޮށްލަން ބޭނުންވެފައި އޮތް ބޭފުކެވެ. އާގިލްގެ ބޮލަށް 7 މިލިޔަން ޑޮލަރު ހުށަހަޅާފައިވާއިރު، އާގިލްއަކީ 1983 ވަނަ އަހަރު ބޮމެއް ގޮއްވާލައިގެން އެމެރިކާގެ 241 ސިފައިން މަރާލުމުގެ ފަހަތުގައި ހުރިކަމަށް އެމެރިކާއިން ތުހުމަތު ކުރާ އެކެކެވެ.