ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ، އިނދިކޮޅު ފަރާތްތަކާއި ގުޅިގެން ކުރަން އުޅުނީ ބަގާވާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިގޮތަށް އިއްޔެ ބީއެމްއެލްއިން ހިންގަން އުޅުނީ ބަގާވާތެއް ކަމަށާއި، މިކަމަކީ ދުރާލައި ރޭވިގެން ކުރެވުނު ކަންތައްތަކެއްކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކަނޑާނުލުމަށް ބީއެމްއެލްއަށް އެމަނިކުފާނު އަންގަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ އިއްޔެ ބީއެމްއެލްގެ ބޯޑުގައި ތިބި ސަރުކާރު ޑިރެކްޓަރުންނާއި، އާއްމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތަމްސީލްކުރާ ޑިރެކްޓަރުން ގުޅިގެން ސަރުކާރަށް އެއްބާރުލުން ދިންކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން ބީއެމްއެލް އާއްމު ޑިރެކްޓަރުންގެ ފަރާތުން ޗަމްޕާ މުހައްމަދު މޫސާގެ ފަރާތުން ލިބުނު އެއްބާރުލުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އިއްޔެގެ ހާދިސާގައި ގާނޫނާއި ހިލާފު ބައެއް ކަންކަން ފާހަގަ ކުރެވިފައި ވާތީ އެ ކަންކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.