ސަރުކާރު ވައްޓާލައި މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ތުހުމަތުކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ފަށައިފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ރޭ ފުލުސް އޮފީހުން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ، އިއްޔެެ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގިނަ ރައްޔިތުންތަކަކަށް ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމިއިރު ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އަދި ހަމަ އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަނުޖެހުން ނަގާލަން ގޮވާލާފައިވާ ކަމަށެވެ. އެހެން އެ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ.
އަދި މިއީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ތަހުގީގުރަން ފަށާފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
މި ކަމާގުޅިގެން ރޭ ޕީއެންސީގެ ޖަގަހާގައި ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބީއެމްއެލްއިން ގެނައި ބަދަލަކީ ރޭވިގެން ހިނގި ކަމެއް ކަމަށާއި އަދި އެމަނިކުފާނުވެސް ވަނީ އެއީ ގެންނަން އުޅުނު ބަގާވާތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.