2023 ވަނަ އަހަރުގެ ނޮވެންބަރ 17 ފެށިގެން މިމަހުގެ 25 ގެ ނިޔަށް 9 މަސް ދުވަހުގެ ތެރޭގައި 3،322 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ މިހާތަނަށް 257 ތަނަކަށް ރެއިޑްކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައފައެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުވެސް ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަކީވެސް ގާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީގެކުރިންވެސް ދެއްވާފައެވެ.