ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގުޅިގެން ހޯރަފުށީގައި ނިޔަމި ކޯސް – 2 ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މެރިޓައިމް އިންސްޓިޓިއުޓްގެ މުދައްރިބުން ކިޔަވައިދެއްވި މި ކޯހުގައި، ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ސިއްހީ ފުރަތަމައެހީ، ކަނޑު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް އަދި ޗާޓު ވޯކްސްގެ ބައިތައް އުނގަންނައިދީފައިވާ ކަމަށެވެ.

އަދި މި ކޯހަކީ ކަނޑު އުޅަނދު ދުއްވާ މީހުންނަކީ ލައިސަންސް އޮވެގެން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރު އޮޕަރޭޓްކުރާ ބަޔަކަށް ހެދުމަށާއި ރަށުގައި ތިބެގެން މި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގި ކޯހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ނިޔަމި ކަމުގެ ކޯހަކީ ކަނޑު އުޅަނދުގެ ލައިސަންސް ނެގުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ. މި ކޯސް ފުރިހަމަ ކުރުމުން ލައިސަންސް ނެގުމުގެ މަގު ފަހިވެގެން ދާނެއެވެ.

މި މަހު 18 އިން 27 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 40 މީހުން ބައިވެރިވިއެވެ.