ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި28 އޯގަސްޓް ދިވެހި ފުލުހުންގެ ޚިދުމަތާއި ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 3 އަދި 4 ގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުޑަހުވަދޫގައި ކުރިއަށް ގެންގޮސްފިއެވެ.
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ދ. އަތޮޅުތައުލީމީ މަރުކަޒާއި، ދ. އަތޮޅު ހޮސްޕިޓަލް އަދި ކުޑަހުވަދޫ ކައުންސިލު ގުޅިގެން ޖުލައި 28 އިން އޮގަސްޓް 22 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ސްކޫލުގެ 140 ދަރިވަރުން ބައިވެރިވެ 94 ދަރިވަރުން ފަތަން ދަސްކޮށް ފައިނަލް އެސެސްމަންޓުން ފާސްވެފައިވެއެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމްގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި ސުވިމިން އިންސްޓްރަކްޓަރ ކޯސް ފުރިހަމަ ކުރަމުންދާ ދަރިވަރުންނާއި ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިންސްޓްރަކްޓަރުންކަމަށެވެ.
އަދި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮގަސްޓް 22 ވަނަ ދުވަހު ކުޑަހުވަދޫ ސަންސެޓް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި، ފަތަން ދަސްކޮށްފައިވާ ކަމުގެ ލިޔުން ދަރިވަރުންނާ ހަވާލުކޮށްފައިވެއެވެ. އަދި ޕްރޮގްރާމްގެ އިންސްޓަރަކްޓަރުންނަށާއި ޕްރޮގްރާމް ހިންގުމަށް އެހީތެރިވެފައިވާ ފަރާތްތަކަށް ދ. އަތޮޅުތައުލީމީ މަރުކަޒުގެ ފަރާތުން ހަނދާނީ ލިޔުން ދީފައިވެއެވެ.