މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީ ފޭދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ އައްޑޫ ސީޓީ ފޭދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރަމުންދާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މި ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތް ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަނަކީ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އަދި އައްޑޫ ސިޓީ އެސްއޯ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.