ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކޮންޓެކް ސެންޓަރުގެ ހޮޓްލައިން ނަންބަރު، 1545 ތައާރަފްކޮއްފިއެވެ.

މި ހޮޓްލައިން ތަޢާރަފުކުރެވުނީ މިއަދު މެންދުރުފަހު 15:45 ގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭއްވުނު ލައިވް ޕްރިމިއަރއެއްގެ ގޮތުގައެވެ.

ހޯޓްލައިން ތައާރަފްކުރުމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަދާޅިވީ، މި ހޮޓްލައިން މެދުވެރިކޮށް، ސްޓެލްކޯއިން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު، ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތައް، އަދި ކުންފުންޏާ ގުޅުންހުރި އެހެނިހެން ކަންކަމުގެ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތްކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ.

އެމްޑީ ފަހުމީ އިތުރަށް ވިދާޅުވީ، ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތީ ކޯލް ސެންޓަރުގެ މަސައްކަތްކަމަށެވެ. އަދި މި މިމަސައްކަތް ނިންމާ، މިއަދު މި ހިދުމަތް ވަނީ ފަށާފައިކަމަށް ފަހުމީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން." ފަހުމީ ވިދާޅުވިއެވެ.