މޮސްކޯ، އޮގަސްޓް 29: ރަޝިޔާގެ ކަރސްކް ސަރަހައްދު ޔޫކްރައިން އަތްދަށުން ސަލާމަތް ކުރުމަށް އެސަރަހައްދުގައި ހަނގުރާމަ ކުރަމުން އަންނަ ރަޝިޔާގެ އަޚްމަތު ސްޕެޝަލް ފޯސްތަކުން ގާތްގަނޑަކަށް 11 ގަޑިއިރު ވަންދެން ދެ ސަރަހައްދެއްގައި ހަނގުރާމަކޮށް ޔޫކްރޭންގެ ގިނަ އަދަދެއްގެ ސިފައިން މަރާލާފައިވާނެ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ މައި އަސްކަރީ-ސިޔާސީ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އަޚްމަތުގެ ކޮމާންޑަރު މޭޖާ ޖެނެރަލް އަޕްޓީ އަލައުޑިނޯވް ވިދާޅުވެއްޖެއެވެ.
"ގާތްގަނޑަކަށް 11 ގަޑިއިރު ވަންދެން ދެ ދިމާއަކުން ހަނގުރާމަ ކުރިން. އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، އުނދަގޫވި ނަމަވެސް، ކސިފައިން ސާބިތުވެ، ބަތަލުންފަދައިން ހަނގުރާމަ ކުރަމުން ދިޔައީ. ފާހަގަކުރަން ބޭނުންވަނީ ވަރަށް ގިނަ އަދަދެއްގެ ދުޝްމަނުންގެ ގިނަ އަދަދެއްގެ ސިފައިން މަރާލާއި ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތައް ހަލާކު ކޮށްލެވިއްޖެ" އަލައުޑިނޯވް ވީޑިއޯގައި ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އާޓިލަރީ އާއި އޮޓޮމެޓިކް ގްރެނޭޑް ލޯންޗާ އާއި މޯޓަރު ފަދަ އެތައް ސާމާނެއް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި ވާނީ ހަލާކު ކޮށްލެވިފައެވެ. މިއީ އެމެރިކާ އާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން ޔޫކްރައިނަށް ފޯރުކޮށްދިން ތަކެތި ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ.
ނެޓޯއިން ފޯރުކޮށްދެމުން އަންނަ ޓެކްނިކަލް އެހީއާއެކު ޔޫކްރޭން ފައުޖުތަކުން ކަރސްކް ސަރަހައްދުން އިތުރު ކުރިއެރުން ހޯދުމަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވާފައިވާނެ ކަމަށް ރަޝިޔާގެ ޖެނެރަލް ސްޓާފްގެ ޗީފް ވެލެރީ ޖެރާސިމޯވް އިއްޔެ ވިދާޅުވި އެވެ. ރަޝިޔާގެ ކަރކްސް ސަރަހައްދުގެ ސަތޭކައެއްހައި އަވަށް ޔޫކުރޭނުން ހިފީ މިމަހުގެ ކުރީކޮޅު ދިން ކުއްލި ހަމަލާތަކެއްގައެވެ.
ރަޝިޔާގެ ޖެނެރަލް ސްޓާފްގެ ޗީފް ވެލެރީ ޖެރާސިމޯވް ފާހަގަކުރެއްވި ގޮތުގައި ކަރސްކް ސަރަހައްދުގައި ހިންގާ އޮޕަރޭޝަން ނިންމާނީ ދުޝްމަނުން ބަލިކޮށް ސްޓޭޓް ބޯޑަރަށް އާދެވުމުންނެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ގޮތުގައި ކަރސްކް ސަރަހައްދުގައި ތިބި ޔޫކްރައިނުގެ ސިފައިންގެ ތެރެއިން ހަތްހާހެއްހައި ސިފައިން މިހާތަނަށް ވާނީ މަރާލެވިފައެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވީ ކިއެވްގެ ވެރިކަމުން ކަރސްކް ސަރަހައްދުގައި އާންމުން ގަޔަށް ބަޑިޖަހަމުން އަންނަ ކަމަށެވެ. ޕުޓިން ވިދާޅުވީ ދުޟްމަނުންނަށް ހައްގު އަދަބު ދޭނެކަމަށާއި ހަނގުރާމަ ހުއްޓާލާނީ ރަޝިޔާ ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށްފަހު ކަމަށެވެ.