ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިއާރަތްކުރައްވައި، ވަޒީރުން މަޖިލީހުގެ މި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސް ބައްދަލުކުރައްވާނެއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށެވެ.