ދިވެހިންގެ ސަގާފަތަކީ އަދުގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ރަސްމީގޮތުން ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލެއްވުމަކީ އޭގައި މުހިންމު މަގްސަދުތަކެއް، މާނަތަކެއް އަދި މަންފާތަކެއް އެކުލެވޭ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެހިންގެ އިހުގެ ސަގާފަތަށް އެނބުރި ބަލައިލުމުން ފެންނަނީ އިޖުތިމާއީ ބަލިމަޑުކަމެއްނެތް ފުދުންތެރި ފަހުރުވެރި ދިވެހިރާއްޖެއެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި އެކަމަނާ ވަނީ ދިވެހި މުޖުތަމައުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ޙައްލު ލިބެން އޮތީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ ދިވެހި ސަގާފީ ގޯއްޗަކީ ސަގާފީ ގޯއްޗެއްގެ ތެރެއިން އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާ އާދަކާދައިގެ ތެރެއިން ފެންނަ ވަރަށް ގިނަ ކަންތައްތައް ހިމެނޭގޮތަށް ހަދާފައިވާ ތަނެކެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައީދިން ރިހެބިލިޓޭޓްކުރުމުގައި ދިވެހި ސަގާފީ ގޯތީގެ ތެރެއިން ފެންނަންހުރި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ އެކި މަސައްކަތްތައް އެމީހުންނަށް ދަސްކޮށްދީ މަސައްކަތްތެރި ބަޔަކަށް އެމީހުން ހެދުންވެސް ހިމެނެއެވެ.