ފެނަކަ ކޯޕަރޭޝަން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށަށް ބަދަލުކުރުމަކީ އެސްޓީއޯގެ މުސްތަޤުބަލަށް ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ، ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޝިމާދު ވަނީ އެސްޓީއޯއިން ފެނަކައިގެ ދަރަނިތަކަށް ޙައްލު ހޯދުމަށް ރާވާފައިވާ ކަމަށާއި، ދުރު މުސްތަޤުބަލުގައި ފެނަކަ ފައިދާ ލިބޭ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ.
މި ބަދަލަކީ އެސްޓީއޯއިން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ވަނުމަށް އަޅާ ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށާއި، އެސްޓީއޯއިން ވަނީ އެކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް، މުހިންމު ބަދަލުތަކެއް ގެނައުމަށް ރާވާފައި ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. އަދި އެސްޓީއޯއިން ދެމެހެއްޓެނިވި ފައިދާ ލިބޭ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކަގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ މި ބަދަލާއެކު ތެލުގެ ޚަރަދު ކުޑަވެ، މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ޚިދުމަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެކަން ކަށަވަރުކޮށްދެއްވައި، އެސްޓީއޯގެ ފުޅާ ވިޔަފާރީގެ ތަޖުރިބާއާއެކު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެކަމަށް މުޢާޒު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ފެނަކަގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ގަނެ، އެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް އަންގަވާފައެވެ. މި ބަދަލުވުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ. އަދި މިނިވަން އޮޑިޓެއް ހަދައި ފެނަކަގެ ހާލަތު ބެލުމަށްފަހު، އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ފެނަކަ ހިންގަން ހަމަޖެހިފައިވަނީ އެސްޓީއޯގެ ދަށުންނެވެ.
މި މުއްދަތުގައި އެސްޓީއޯއިން ފެނަކަގެ މާލީ އަދި ޤާނޫނީ ދިރާސާތައް ހަދައި، ކުންފުނީގެ އެސެޓްތައް ވަޒަންކޮށް، މާލިއްޔަތާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ފެނަކަ އަލުން އެކުލަވާލާނެއެވެ. ކުރިން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ މާލީ ދަތިކަން ބޮޑު ކުންފުންޏަކަށްވެފައިވާ ފެނަކައަށް 290 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް އެބައޮތެވެ. މީގެ ބޮޑު ބައެއް ދައްކަން ޖެހެނީ އެސްޓީއޯއަށެވެ.