ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ނެޓްވޯކް ސްމާޓް ގްރިޑަކަށް ކާމިޔާބުކަމާއެކު އަޕްގްރޭޑް ކުރެވިފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން އިޢުލާންކުރެއްވީ ސްމާޓް ގްރިޑް ޕްރޮޖެކްޓާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މިހާރު ސްޓެލްކޯގެ ހުރިހާ އިންޖީނުތަކެއް ހިންގަނީ ސްކާޑާ ސިސްޓަމެއް މެދުވެރިކޮށްކަމާއި، ޑިސްޓްރިބިއުޝަން ނެޓްވޯކް ވަނީ ސްމާޓް ގްރިޑަކަށް އަޕްގްރޭޑް ކުރެވިފައި ކަމަށެވެ.

މި އަޕްގްރޭޑްގެ ސަބަބުން މާލޭގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހުން ހުރިހާ ޓްރާންސްފޯމަރުތަކެއްގެ ލޯޑް ރިއަލް-ޓައިމްކޮށް ހިސާބުކުރުމާއި މަރުކަޒީކޮށް ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. އަދި ސްމާޓް ގްރިޑް މެދުވެރިކޮށް އިންޖީނުތައް ހިންގުމަށް ސިސްޓަމެއް ޤާއިމްކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މުޅި ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކުރެވިފައިވީ ނަމަވެސް، ސްމާޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދަނީއެވެ. ސްމާޓް މީޓަރުތައް ތަޢާރަފުކުރުމުގައި ލަސްވެފައިވަނީ، ފުރަތަމަ ސްމާޓް ގްރިޑްގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކައި ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި ސިސްޓަމް ފުރިހަމަ ވާނީ ސްމާޑް ގްރިޑާއި ސްމާޓް މީޓަރާ އެއްކޮށް އައިމަކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ކުންފުނިން އަމާޒު ހިފާފައިވަނީ އަންނަ 3 އަހަރުގެ ތެރޭގައި އެންމެހައި ކަސްޓަމަރުން ސްމާޓް މީޓަރުތަކަށް ބަދަލުކުރުމަށްވެސް ވަހިމީ ވިދާޅުވިއެވެ.

މީގެ އިތުރުން، ސްޓެލްކޯގެ ޗީފް ޓެކްނިކަލް އޮފިސަރ އަޙްމަދު އިޤްބާލް ވިދާޅުވި ގޮތުގައި އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގެ ތެރެއިން 3 ރަށެއް ފިޔަވާ ސްމާޓް ގްރިޑް ޤާއިމުކުރެވިފައިވާކަމަށެވެ. އަންނަ އަހަރުގެ ނިޔަލަށް މި ނިޒާމު ފުރިހަމައަށް ޤާއިމުކުރެވި، ހުރިހާ ރަށެއްގެ ކަރަންޓުގެ ލޯޑު ހެޑް އޮފީހުން މޮނިޓަރކުރެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

ސްޓެލްކޯއިން އިތުރަށް ފާހަގަކުރި ގޮތުގައި ސްމާޓް ގްރިޑްގެ ސަބަބުން ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި ކަރަންޓު އަލުން ރުޖޫޢަކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.