ސްޕެނިޝް ލަލީގާގައި ރޭ ލަސް ޕަލްމާސްއާ ދެކޮޅަށް ތަރިންގެ ރެއާލް މެޑްރިޑް ކުޅުނު މެޗް 1-1 އިން އެއްވަރުވެއްޖެއެވެ.
ފްރާންސްގެ ކިލިއަން އެމްބައްޕޭ ގެނެސް މިސީޒަނަށް ފޯވާޑް ލައިން އިތުރަށް ވަރުގަދަ ކޮށްފައިވާ ރެއާލް ސިއްސުވާލުމަށްފަހު މިމެޗުގައި ލީޑް ނެގީވެސް ލަސް ޕަލްމާސްއިންނެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ ޒުވާން ކުޅުންތެރިޔާ އަލްބާޓޯ މޮލޭރޯ އެވެ. އޭނާ މިލަނޑު ޖެހީ ރެއާލްގެ އެރިޔާގެ ބޭރު ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ ޗޫމެނީ އާއި އެންޓޯނިއޯ ރުޑިގާ އަދި މިލިޓާއޯ އޭނާ ކައިރީ ވިއްދާފައި ވަނިކޮށް ވަރަށް ފަސޭހަކަމާއެކު ދެމިގަނެ ގޯލުގެ ދުރުކަނަށް ތިރިތިރިން ބޯޅަ ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފުގައި ރެއާލްއިން ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މިގޮތުން ރުޑިގާ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގެ ހުރަހަކަށްވީ ބާސެލޯނާ އާއި ނެދަލޭންޑްސްގެ ކުރީގެ ކީޕަރު ސިލިސެންއެވެ. މުޅި މެޗުގައިވެސް ސިލިސެން ވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއު ކޮށްފައެވެ.
ދެވަނަ ހާފް ފަށައިގެން ވިނީޝިއަސް އާއި އެމްބައްޕޭ އަދި ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކަށް ނަތީޖާ ހަމަހަމަ ކޮށްލާނެ ފުރުސަތުތައް ލިބުނެވެ. އެކަމަކު ނަސީބު އެހީވާ ގޮތެއް ނުވިއެވެ. ރެއާލްއިން އެއްވަރު ކުރީ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިޔާގެ ތެރެއިން ލަސް ޕަލްމާސްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނީޝިއަސްއެވެ.
މެޗް ނިމެން ދަނިކޮށް 87 ވަނަ މިނެޓުގައި ލަސް ޕަލްމާސްއިން ލަނޑެއް ޖަހައި ލީޑް ނެގުމުން އަނެއްކާވެސް މެޗުގެ ފޯރިގަދަވާ ގޮތްވިއެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު ޖެހީ އޮފްސައިޑް ޕޮޒިޝަނެއްގައި ހުރެ ކަމަށެވެ.
ލަލީގާގައި މިސީޒަނުގައި މިހާތަނަށް ރެއާލްއިން 3 މެޗް ކުޅެފައިވާއިރު މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް ދެމެޗްވީ އެއްވަރެވެ. މިނަތީޖާއާއެކު ތާވަލުގެ 5 ވަނައިގައި ރެއާލް އޮތީ 5 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ވާދަވެރި ބާސެލޯނާއެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު އޮތީ ވިޔަރެއާލްއެވެ.