ލަންޑަން (އޮގަސްޓް 31) - ސަޔްހޫނީ އިޒްރޭލު އަސްކަރިއްޔާއިން ޤަތުލް އާންމު ހިންގަމުންއ އަންނަ ޣައްޒާގެ ދިރިއުޅުމުގެ ރިޕޯޓްތައް ދުވަހުން ދުވަހަށް ގެނެސްދެމުންދިޔަ ފަލަސްތީނުގެ ބްލޮގަރެއް ކަމަށްވާ މުހައްމަދު “މެޑޯ” ހަލީމީ މި ހަފްތާގެ ކުރީކޮޅު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވެފައިވާކަން ކަށަވަރު ވެއްޖެއެވެ.

އުމުރުން 20 އަހަރުގެ ހަލީމީ މަރުވީ މިދިޔަ ހޯމަ ދުވަހު ޒަޔަނިސްޓް އިސްރާއީލު ސިފައިން ޚާން ޔޫނިސްއަށް ދިން ހަމަލާއެއްގައި ކަމަށް އޭނާއާއެކު މަސައްކަތް ކުރި ދެ ޒުވާނުން "އެރަބްނިއުސް" އަށް މައުލޫމާތު ދީފައިވެއެވެ.

ޣައްޒާގެ މަންޒަރު ދައްކުވައިދޭ އޭނާގެ އެންމެ ފަހުގެ ވީޑިއޯ އާންމުކޮށްފައިވަނީ އޭނާ މަރުވުމުގެ ގަޑިއެއްހާއިރު ކުރިންނެވެ.

މެޑޯގެ އިންސްޓަގްރާމް:

https://www.instagram.com/medo_halimy/?utm_source=ig_embed&ig_rid=39d4e12e-738b-47aa-a962-b836cec98252

ހަލީމީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ސޯޝަލް މީޑިއާގައި ޣައްޒާގެ ދިރިއުޅުމުގެ ހާލަތު ގެނެސްދެމުންދިޔަ ވީޑިއޯތަކުންނެވެ. ސަހްޔޫނީ އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލް އާންމުތަކުގެ ހަގީގަތްތަކަށް އަލިއަޅުވާލާ ވީޑިއޯތައް ހަލީމީ ހިއްސާކޮށްފައިވާއިރު، ޣައްޒާގެ ރައްޔިތުންގެ ކެތްތެރިކަން ފެންނަ ވީޑިއޯތައްވެސް ހަލީމީ ވަނީ ސޯޝިއަލް މީޑިޔާއަށް ދޫކޮށްލާފައެވެ.

ޓިކްޓޮކްގައި ހަލީމީ ފްލޯ ކުރާ 190،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އިންސްޓަގްރާމްގައި 90،000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

ހަލީމީ އޭނާގެ ކޮންޓެންޓްގައި ލިމިޓެޑް ސާމާނާއި އާލާތްތަކުން އުފެއްދި ސާދާ ކެއްކުމުގެ ރެސިޕީތަކުން ފެށިގެން ފެންވަރާލުން ފަދަ ކޮންމެ ދުވަހެއްގެ ހަރަކާތްތަކުގެ ވީޑިއޯތައްވެސް ވަނީ ގެނެސްދީފައެވެ. އަދި އޭނާގެ ކޮންޓެންޓް އުފައްދާ ގޮތުގެ މަަސައްކަތްތައް ހިއްސާކޮށް، ޣައްޒާގެ ވަށާލެވިފައިވާ ދިރިއުޅުމާ ބެހޭ ގޮތުން މަދުން ނޫނީ ނުފެންނަ އުނދަގޫ ހާލަތްތަކަށް އަމިއްލަ ނަޒަރުން އަލިއަޅުވާލާފައި ހުރެއެވެ.

މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ހަލީމީ ބުނީ ސޯޝަލް މީޑިއާއަށް ޕޯސްޓްކުރި ކޮންމެ ކްލިޕަކަށް ގާތްގަނޑަކަށް ތިން ޑޮލަރު ޚަރަދުވި ކަމަށެވެ.

މިއަހަރު ޖޫން މަހު "ފޯލްޓް މެގަޒިން" އަށް ދިން އިންޓަވިއުއެއްގައި ހަލީމީ ބުނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދުނިޔޭހެ އެކިކަންކޮޅުތަކުގައި ތިބި މީހުން ދެމުން އަންނަ ހިތްވަރާމެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

"މިހާރު އަހަންނަށް އެންމެ ބޮޑު އުފަލަކީ އަހަރެންގެ ވީޑިއޯތަކަށް ލިބޭ ކޮމެންޓްތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންގެ ސަޕޯޓުން. މީހުން ހަގީގަތް ދެނެގަނެ، އެއްވެސް ފަރާތަކަށް ނުބަލާ ހާލަތަށް ބަލާތަން ފެނުމަކީ ވަރަށް އުފުލިގެންދާ ކަމެއް،" ފޯލްޓް މެގަޒިންއަށް ދިން ބަސްދީގަތުމުގައި ހަލީމީ ބުނެފައިވެއެވެ.

"އިޒްރޭލުން ހިންގަމުންދާ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޤަތުލް އާންމަށްފަހުވެސް، އަހަރެންގެ ދިރިއުޅުމުގެ ހުވަފެންތައް ކުރިއަށް ގެންދާނަން، އެކަމަށް ކިތަންމެ ދުވަހެއް ނެގި ނަމަވެސް، ފަންސާސް އަހަރު ނެގި ނަމަވެސް ހުވަފެންތައް ކުރިއަށް ގެންދާނަން. އަހަރެންގެ އަމާޒަކީ އެންމެންވެސް އަހަރެންގެ ނަން ހަނދާން ހުންނާނެ ވަރުކުރުން" މިއަހަރުގެ ޖޫން މަހު ދިން ބަސްދީގަތުމުގައި ހަލީމީ ބުންޏެވެ.

މި މަހުގެ ކުރީކޮޅު މަޝްހޫރު ޓައިމް މެގަޒިންގައި ހަލީމީ ވަނީ ޤަތުލް އާންމު ތެރޭގައި ޑިޕްރެޝަނާ ކުރިމަތިލާން ޖެހޭ ގޮތާއި ގުޅޭ ގޮތުން ޓިކްޓޮކުގައި އޭނާ ގެނެސްދެމުން އަންނަ ވީޑިއޯތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

ހަލީމީ ޝަހީދުވެގެން ދިޔައިރު، އޭނާ ވަނީ ޣައްްޒާއިން އޭނާގެ އާއިލާ ނެރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑް ރައިޒް ކުރަން ފަށާފައެވެ. ހަލީމީގެ އާއިލާގައި 8 މީހުން އެބަތިއްބެއެވެ. ޣައްޒާއިން ނިކުމެވެން އޮތް ހަމައެކަނި މަގަކީ ރަފަހް ބޯޑަރު ހުރަސްކޮށް، މިސްރަށް އެތެރެވެގެންނެވެ. ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް އެތެރެވުމަށް 8000 އެއްހައި ޑޮލަރު ކޮންމެ މީހަކަށް ބޭނުންވެއެވެ.

ސަހްޔޫނީ އިޒްރޭލުން ގެންދަނީ ސަލީމީފަދަ މުސްތަގުބަލަށްޓަކައި ފޮނި އުއްމީދުތަކެއް ކުރަމުން އަންނަ އެތައް ޒުވާނުންނެއް ކޮންމެ ދުވަހަކު ޝަހީދުކޮށްލަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ފަަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާނުގައި މިހާތަނަށް 40،500 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރައްވައެވެ.