އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެންމެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ ޔޫކްރައިނަށް ދިނުމަށް ވޮޝިންޓަނުން ތައްޔާރު ވަމުންދާކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވެއްޖެއެވެ.

ޒަޚަރޯވާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ މިދިޔަ ހަފްތާގައި ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގް ދައްކަވާފައިވާ ވާހަކަފުޅަކާ ގުޅުވައިގެންނެވެ.

ސަބްރީނާ ސިންގް ވިދާޅުވީ ބޯޑަރު ހުރަސްކޮށް ޔޫކްރައިނުން ރަޝިޔާއަށް ހަމަލާދިނުން އެމެރިކާއިން މަނާ ނުކުރާ ކަމަށެވެ. "އެމެރިކާގެ ސިޔާސަތުތައް އެބަ ހުއްދަކުރޭ ރަޝިޔާއިން ދިފާނެ ހަމަލާއަކުން ރައްކާތެރިވުމަށް ބޯޑަރު ހުރަސްކޮށް ރަޝިޔާއަށް ހަމަލާދެވިދާނެކަން. އެއީ ޔޫކްރައިނުން އެމީހުންގެ އަމިއްލަ ނަފުސުގެ ދިފާއުގައި ކުރެވޭނެ ކަމެއް ގޮތުގައި" ސަބްރީނާ ވިދާޅުވިއެވެ.

ޒަޚަރޯވާ ވިދާޅުވީ "އިންތިހާއަށް ސީރިއަސް ނިންމުންތަކެއް" ގެ މާނަ، އެންމެފަހުން އެމެރިކާއިން ނެރެފައިވާ ބަޔާންތަކުން ނެގޭ ކަމަށެވެ. "ރަޝިޔާގެ ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ޔޫކްރޭނަށް ވަނީ ކާޓް ބްލާންޗް ( ބޭނުންވާ ގޮތަށް ކަންތައް ކުރުމުގެ ހުއްދަ) ދީފައި،" ޒަޚަރޯވާ ވިދާޅުވި އެވެ.

މިދިިޔަ ހޯމަ ދުވަހު ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޔޫކްރޭންގެ ލީޑަރު ވްލަޑިމިއާ ޒެލެންސްކީ އަށް 300 ކިލޯމީޓަރު (186 މޭލު) އާއި ހަމައަށް ދުއްވާ އޭޓީއޭސީއެމްއެސް މިސައިލް ފަދަ އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއިން ދޭނެ ވަގުތެއްގެ އިންތިޒާރުގައި ޒެލެންސްކީ ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. "މިކަމާ ގުޅޭ ގޮތުން ޔޫކްރައިނާއެކު ކުރެވޭ މަޝްވަރާތައް ކުރިއަށް ގެންދާނަން، އެކަމަކު މަޝްވަރާތައް ބާއްވާނީ ސިއްރެއްގެ ގޮތުގައި" ކިރްބީ ވިދާޅުވިއެވެ.

300 ކިލޯމީޓަރު (186 މޭލު) އާއި ހަމައަށް ދުއްވާ އޭޓީއޭސީއެމްއެސް މިސައިލް ބޭނުން ކުރުމުގެ ހުއްދަ ޔޫކްރައިނަށް ދީފިނަމަ އޭގެ މާނައަކީ ރަޝިޔާގެ އެންމެ ފުނަށް ހަމަލާ ދިނުމުގެ ހުއްދަ އެމެރިކާއިން ޔޫކްރައިނަށް ދިނުމެވެ. މިއީ ބޮޑު ހަނގުރާމައެއްގެ ފެށުން ކަމަށް މުހައްލިލުން ދެކެއެވެ.

ޔޫކްރައިނުން ބޭނުންކޮށްފާނެ ދުރުރާސްތާ މިސައިލެއް.

ޔޫކްރައިނުން މިމަހު ކުރީކޮޅު ވަނީ ބޯޑަރު ހުރަސްކޮށް ރަޝިޔާގެ ކަރސް ސަރަހައްދަށް ވަދެގަނެ 100 އެއްހައި އަވަށުގެ ކޮންޓްރޯލް އަތުލާފައެވެ. ކަރސްކް ސަރަހައްދަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީ ޖަރުމަނުން މޮސްކޯ ހިފުމަށްކުރި ދަތުރުގައި ވަރަށް ވަރުގަދަ ހަނގުރާމައެއް ކުރި ސަރަހައްދެކެވެ. ނާޒީ ޖަރުމަނަށްފަހު ރަޝިޔާގެ ފަސްގަނޑުން ބައެއް ކޮންޓްރޯލް ކުރި ފުރަތަމަ ގައުމަކަށް ވެފައި މިވަނީވެސް ޔޫކްރައިނެވެ.

ރަޝިޔާ ސަރުކާރުގެ އިސްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާ އާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން މިއަދު ދަތުރު ކުރަމުން ދަނީ ނާޒީ ޖަރުމަނުން ދަތުރު ކުރި މިސްރާބަށެވެ.