އިޤްތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވަނީ ވަރަށް ރަނގަޅު ބިންގަލެއްކަމުގައްޔާއި، މެދު އަދި ދުރު ރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީ ދިވެހިން ދެކޭތަން ކުރިމަގުގައި ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރައްވާނެ ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
"އިރާދަކުރެއްވިއްޔާ އިޤްތިޞާދު ހަރުދަނާ ކުރާނަން، ކުރަމުން މިދަނީ. ބިންގާ ރަނގަޅު، ފައިސާ ޗާޕެއް ނުކުރަން. އެއީ އެންމެ ފުރަތަމަ ކަންތައް. ޑޮލަރު އަޅުގަނޑުމެން ތެރޭގައި އިތުރު ކުރުމަށްޓަކައި ބައިވަރު ބަދަލުތައް މި ގެންނަނީ، ޤާނޫނީ ބަދަލުތަކާ، ނިޒާމީ ބަދަލުތަކާ މިގެންނަނީ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ރިޒާވްވެސް ވަރުގަދަ ވާނެ. އަޅުގަނޑުމެންގެ މަސައްކަތްތެރީންނަށް، ކުންފުނިތަކަށް، ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް، ދޭން ހުރި ފައިސާވެސް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެމަސް ތެރޭގައި ހަމަ ދެމުންދެމުން ދާނީ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ނޮވެމްބަރު މަސް ނިމެންވާއިރަށް މިހާރު ޕެންޑިންގައި ނުދެވި ހުރި ފައިސާތައް މީހުންނަށް ދީ ނިންމުންކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދެވިއްޖެ ކަމަށާއި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ފެކްޓްރީތައް ހެދުމުގެ މަސައްކަތްތައް ރޭވި، އިޤްތިޞާދު ރަނގަޅުވަމުންދާކަމަށެވެ. އެގޮތުން އެއާޕޯޓު ނިމެމުންދާ ކަމަށާއި އިތުރު ރިޒޯޓްތައް ހުޅުވެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޗައިނާއާއި އިންޑިއާ ފަދަ ޤައުމުތަކުން މާލީ އަދި އިޤްތިޞާދީ ހަމަޖެހުމަށް ބޭނުންވާ އެކި ފުރުސަތުތައް ފަހިވަމުންދާކަމަށެވެސް ރައީސް ވިދާޅުވިއެވެ. މިގޮތުން މާލެއަށް އެންމެ ބޮޑުވެފައި އޮތް މަގުތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ބޮޑު މަޝްރޫޢެއް ރޭވެމުންދާކަމުގައި ރައީސް ވިދާޅުވިއެވެ.
ބޮޑެތި މަޝްރޫޢުތަކަކީ ދުރާލާ ރޭވުމާއި، ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ގިނަ މަޝްރޫޢުތަކެއް ރަސްމީކޮށް ފެށުމުގެ ކުރިން، އޭގެ މުހިންމު ތައްޔާރީތައް ފަރުދާގެ ފަހަތުގައި، އަވަސް ދުވެއްޔެއްގައި ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ
އަދި ބޭރު ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ގިނަ ކަންތައްތައް ހަމަޖެހިފައިވާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެހެން ޤައުމުތަކާއެކީ އޮންނަ ގުޅުން ވަރަށް ރަނގަޅުވެ، އިޤްތިޞާދުވެސް ރަނގަޅު އަސާސްތަކެއްގެ މަތީގައި ބިނާވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.