މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، އެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު ''ތުރެޓް ނިއުޓްރަލައިޒް'' ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު މަސައްކަތެއްކަމާއި އެކަމަށްޓަކައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަންވެސް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އަދި ﷲ ގެ އިރާދާފުޅާ އެކު ވިކްޓިމްއަށް އަދި ސަސްޕެކްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު ކަން ކޮމިޝަނަރ ގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ. އަދި ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން ދާކަމަށާއި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައްވެސް ލިބެމުންދާކަމަށާއި އެކަންކަން ބަލައިގަންނަކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑުކަމަށާއި ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް ހެދުމަށް ކޮމިޝަނަރ އެދިލެއްވިއެވެ.