ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ މެލޭޝިއާގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްތާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއަވައިފިއެވެ.

މިދެބޭފުޅުންނަށް ރައީސް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮތް ގުޅުމަކީ ދެގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި، އެއްބައިވަންތަ އުސޫލުތަކާއި، ރައްޔިތުންގެ މެދުގައިވާ ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޒަމާނުއްސުރެ ދެ ގައުމުގެ މެދުގައި އޮތް މި ގުޅުން ލާބައާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައިވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، މެލޭޝިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.