އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ސިޓީއިން ފޯވާޑް އާލިންގ ހާލަންޑުގެ ހެޓްރިކުން 3-1 އިން ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް އަލުން ޖެހިލައިފިއެވެ.

މިދިޔަ ހަފްތާގައި އިޕްސްވިޗް ކޮޅަށްވެސް ހެޓްރިކް ހެދި ހާލަންޑް ރޭ ވެސްޓްހޭމް ކޮޅަށް ހެދި ހެޓްރިކާއެކު އޭނާ ވެގެން ގޮސްފައި ވަނީ 1995 ވަނަ އަހަރު، ބްރެޑްފޯޑް ސިޓީގެ ޕައުލް ޖެވެލް ލީގުގެ ފުރަތަމަ 3 މެޗުގެ ތެރެއިން ދެމެޗުގައި ހެޓްރިކް ހަދައިގެން ހަދާފައިވާ ރެކޯޑާ އެއްވަރު ކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ވެސްޓްހޭމް ދަނޑުގައި ސިޓީއަށް ހާލަންޑް ލީޑް ނަގައިދިނީ 10 ވަނަ މިނެޓުގައެވެ. އެކަމަކު 19 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރު ރުބެން ޑިއަސް އަތުން ބައިކޮޅަށް ވަން ލަނޑުން ވެސްޓްހޭމަށް ހިތްވަރެއް ލިބުނެވެ. ހާލަންޑް ދެވަނަ ފަހަރަށް ސިޓީއަށް ލީޑް ނަގައިދިނީ 30 ވަނަ މިނެޓުގައެވެ. އަދި އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ.

ވެސްޓްހޭމް ކޮޅަށް ޖެހި ތިން ލަނޑާއެކު ހާލަންޑް މިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު 69 މެޗުގައި 70 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ރޭގެ ހެޓްރިކަކީ ޕްރިމިއަރ ލީގުގައި އޭނާ ހެދި 11 ވަނަ ހެޓްރިކެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މެޗަށްފަހު ބުނީ ރޭގެ މެޗަކީ ހާލަންޑުގެ ފަރާތުން މިހާތަނަށް އޭނާއަށް އެންމެ މޮޅު ކުޅުމެއް ފެނުނު މެޗު ކަމަށެވެ. "އޭނާ (ހާލަންޑް) ގެ ލަނޑު ޖެހުމުގެ ހުނަރުވެރިކަމާމެދު ބުނާނެ އެއްޗެއް. އެންމެ ހައިރާންވަނީ އޭނާ އަތުން އެންމެ ބޯޅައެއްވެސް ނުގެއްލޭ. ހުރިހާ ގޮތަކުން ބަލާއިރު މިއީ ހާލަންޑުގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނުނު މެޗް" ގާޑިއޯލާ ބުންޏެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ސިޓީ އޮތީ މިހާތަނަށް ކުޅުނު 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބްރައިޓަން 7 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އާސެނަލްވެސް އޮތީ 7 ޕޮއިންޓާއެކުއެވެ. އާސެނަލް އާއި ބްރައިޓަން ރޭ ބައްދަލު ކުރި ފޯރިގަދަ މެޗް ނިމުނީ 1-1 އިން އެއްވަރުގެންނެވެ.

ޕްރިމިއަރ ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ ލިވަޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލު ކުރާ މެޗެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން 20:00 ގައެވެ.