ޗައިނާ، އިންޑިޔާ، ބްރެޒިލް އަދި ދެކުނު އެފްރިކާ ހިމެނޭ ގޮތަށް ތަރައްޤީވަމުން އަންނަ 108 ޤައުމެއް "މެދު ފަންތީގެ އާމްދަނީ" ގެ މަޅީގައި ޖެހި، މަތީ ފަންތީގެ އާމްދަނީއަށް ދިޔުމަށް ގޮންޖެހުންތަކެއް ދިމާވެފައިވާކަން ވަރލްޑް ބޭންކުން ނެރުނު ރިޕޯޓަކުން ދައްކައިފިއެވެ.
ވޯލްޑް ޑިވެލޮޕްމަންޓް ރިޕޯޓު 2024 ގައި ބަޔާންކޮށްފައިވަނީ "މިޑިލް އިންކަމް ޓްރެޕް" ނުވަތަ މެދު ފަންތީގެ އަމްދަނީގެ މަޅިއަކީ ޤައުމުތަކުގެ އާމްދަނީ އެމެރިކާގެ ޖީޑީޕީގެ 10 އިންސައްތަ އާ ކައިރި މިންވަރެއްގައި، ނުވަތަ މިއަދުގެ އަގުން ގާތްގަނޑަކަށް 8،000 ޑޮލަރުގައި ހުއްޓިފައި ހުންނަ ހާލަތު ކަމަށެވެ.
1990 އިން ފެށިގެން މަތީ އާމްދަނީގެ ހާލަތަށް ބަދަލުވެފައިވަނީ ހަމައެކަނި 34 ޤައުމެކެވެ. އެއީ ގިނަފަހަރު ޔޫރަޕިއަން ޔޫނިއަންއާ ގުޅުމުގެ ސަބަބުން ނުވަތަ އަލަށް ތެޔޮ ރިޒާވް ފެނުންފަދަ ޚާއްޞަ ހާލަތްތަކެއްގެ ސަބަބުންނެވެ.
މެދު އާމްދަނީގެ ޤައުމުތަކުގައި ދުނިޔޭގެ އާބާދީގެ 75 އިންސަތަ ދިރިއުޅެއެވެ. އަދި ދުނިޔޭގެ ޖީޑީޕީގެ 40 އިންސައްތަ އަށްވުރެ ގިނަ އަދަދެއް އުފައްދަނީވެސް މި ޤައުމުތަކެވެ. ހަމައެހެންމެ ކާބަން އެމިޝަންސްގެ 60 އިންސައްތަވެސް ފާހަގަކުރެވެނީ މި ޤައުމުތަކުންނެވެ. ނަމަވެސް، މި ޤައުމުތަކަށް އުމުރުން ދުވަސްވަމުންދާ އާބާދީއާ، ބައިނަލްއަޤުވާމީ ޓްރޭޑަށް ހުރަސްއަޅާ ސިޔާސަތުތައް، އަދި ހަކަތައިގެ ޓްރާންޒިޝަންތައް ބޭނުންވުންފަދަ ކަންކަމުގެ ސަބުބުން ހުރަސްތަކާ ވަނީ ކުރިމަތިވެފައިއެވެ.
މި ރިޕޯޓުގައި ހުށަހަޅާފައިވަނީ "3 އައި ސްޓްރެޓެޖީ" އެކެވެ. އެއީ އިންވެސްޓްމަންޓް، އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުން، އަދި އިނޮވޭޝަންއެވެ. މި ސްޓްރެޓެޖީގެ މަޤްޞަދަކީ މެދު އާމްދަނީގެ ވަޅުގަނޑުން އަރައިގަތުމަށް އެހީތެރިވެދިނުމެވެ. މި އެޕްރޯޗްގައި އިސްކަންދެނީ ޤައުމުތައް ދަށް އާމްދަނީން މެދު އާމްދަނީއަށް އަދި އެންމެ ފަހުން މަތީ އާމްދަނީއަށް ކުރިއަރަމުންދާއިރު ސިޔާސަތުތައް މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒުކުރުމަށެވެ.
ދެކުނު ކޮރެއާ ވަނީ މި ކާމިޔާބު މިސާލެއްގެ ގޮތުގައި ފާހަގަކޮށްފައެވެ 1960 ވަނަ އަހަރުގައި ދަށް އާމްދަނީގެ އިޤްތިޞާދަކުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އައިއިރު މަތީ އާމްދަނީގެ ޤައުމަކަށް ދެކުނު ކޮރެއާ ވެފައިވަނީ 3 އައި ސްޓްރެޓެޖީ ރަނގަޅަށް ތަންފީޒުކުރުމުގެ ސަބަބުންނެވެ. ރިޕޯޓުގައި ބާރުއަޅާފައިވަނީ ކުރިއަށް އޮތް މަގު އުނދަގޫ ނަމަވެސް، ރަނގަޅު ސިޔާސަތުތަކާއި އިޞްލާޙުތަކާއެކު މިކަން ހާސިލު ކުރެވިދާނެކަމަށެވެ.