ސްޕެޝަލް ކޮންސްޓެބުލަރީ ބޭސިކް ކޯސް-3 ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ސޮބާހެވެވެ. ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށާއި މުވައްޒަފުން ބިނާކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ސްޕެޝަލް ކޮންސްޓެބުލަރީއަކީ ދިވެހި ފުލުހުންގެ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާއި، އެފަރާތްތައް ތަމްރީނުކުރުމަށް މިހާރުގެ ލީޑަރޝިޕުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެސިސްޓެންޓް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް އަމާޒުކުރައްވައި، މަސައްކަތުގައި ނަމޫނާ ބަޔަކަށްވުމަށާއި، ތަމްރީނުގައި ދަސްކުރި ކަންކަން އަމަލީ މައިދާނުގައި ޕްރޮފެޝަނަލްކޮށް ބޭނުންކުރުމަށާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އޯގާތެރިކަމާއި އިހުތިރާމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ޖުމުލަ 20 ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ބައިވެރިވިއެވެ. އޭގެ ތެރެއިން 16 ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައެވެ. ކޯހުން އެންމެ މޮޅު ނަތީޖާ ހޯދައި، އެއްވަނައަށް ހޯދާފައިވަނީ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް އަހުމަދު ސަދާނެވެ.