ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް ތަހުނިޔާ ވިދާޅުވީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ވަކިވަކިން ކުރެއްވި ދެ ޕޯސްޓެއްގައެވެ.

މިއަދު ފާހަގަކުރާ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ދިވެހިފުލުހުންގެ ގައުމީ ހިދުމަތުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކުރައްވައި ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް މުބާރަކްބާދީ އަރިސްކުރައްވާފައެވެ. އަދި ދިވެހި ގައުމާ ރައްޔިތުންނަށްޓަކައި ރެއާއިދުވާލު ދިވެހިފުލުހުން ދެއްވާ ޒިންމާދާރު ފަހުރުވެރި ހިދުމަތް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓުގައި، އެ ޔުނިވަރސިޓީގެ ވެރިންނާއި މުވައްޒަފުންނާއި އެދުރުންނާއި އިސްދަރިވަރުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އެމަނިކުފާނު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.