އަލަތު ކައިވެނީގެ ކެޓަގަރީ އާއި އިތުރު ދެ ކެޓަގަރީއަކަށް ފްލެޓް ނުދޭން ސަރުކާރުން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރި އިއުލާނެއްގައި ވަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ H11 ކެޓަގަރީ އާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ H13 ކެޓަގަރީ އާއި އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ H15 ކެޓަގަރީއަށް ފްލެޓް ނުދޭން ނިންމާފައިވާ ކަމަށެވެ. އެއީ އެއް ކޮޓަރީގެ ފްލެޓްތަކެކެވެ.

އެފަދައިން ނިންމީ އެކަށީގެންވާ ވަރަށް ފްލެޓްތައް ނެތް ކަމަށް ބުނެ އެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ ކުރީގެ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓްތައް ދޭން ނިންމާފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން އަޅާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށް ފަހު ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ ކުންފުނިތަކުން ފްލެޓް ނާޅާ ގޮތަށް މިހާރު ނިންމާފައި ވާތީ އެ ކެޓަގަރީތަކަށް ހަމަވާ ވަރަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތްކުރަމުން ނުދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވި އެވެ.

އެއް ކޮޓަރީގެ ފްލެޓްތައް ލިބެން ހުރީ އެމްޑަބްލިއުއެސްސީއިން އިމާރާތް ކުރާ ޓަވަރުން 36 ފްލެޓް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވި އެވެ.

"ވީމާ، ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ތިން ކެޓަގަރީ އުވާލައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކުރުމަށް ނިންމީ އެވެ،" ހައުސިން މިނިސްޓްރީން ވިދާޅުވި އެވެ.

މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.