ފަލަސްތީނުގެ ޖެނިންއަށް ޑްރޯން ބޭނުންކޮށްގެން ސަޔްހޫނީ އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ޒުވާނަކު ޝަހީދުވެފައިވާ ކަމަށް "ވަފާ ނިއުސް" އިން ބުނެފިއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ތަރުޖަމާނާ ހަވާލާދީ "ވަފާ ނިއުސް" އިން ބުނެފައި ވަނީ ޖެނިންގެ އަލް ހަދަފް މެޑިކަލް ސެންޓަރަށް ގެންދެވުނިއިރުވެސް އެ ޒުވާނާ އޮތީ ޝަހީދުވެފައި ކަމަށެވެ. އިޒްރޭލުން ޑްރޯން ބޭނުންކޮށްގެން ދިން މި ހަމަލާގައި އިތުރު މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް "ވަފާ ނިއުސް" އިން ބުނެއެވެ.

ޣައްޒާގައި ޤަތުލް އާންމު ހިންގައި 40،000 އެއްހައި މީހުން ޝަހީދުކޮށްލުމަށްފަހު، ޖެނިން އާއި ހުޅަނގު އައްސޭރީގެ އަވަށްތަކުގައި ސަހްޔޫނީ އަސްކަރިއްޔާއިން ދަނީ ފަަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާންތައް ހިންގަން ފަށާފައެވެ. ޖެނިންގައި މިހާތަނަށް ސަޔްހޫނީ ސިފައިނ ވަނީ ފަލަސްތީނުގެ 17 މީހަކު ޝަހީދުކޮށްލާފައެވެ. އަދި ހުޅަނގު އައްސޭރިން 29 މީހުން، ތުލްކަރަމުން 5 މީހުން، ތުބަސްއިން 4 މީހުން، ހިބްރޫނުން 3 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.