ޔޫކްރޭނުން ރޭ ފޮނުވާލި 158 ޑްރޯން އަމާޒަށް ވާސިލުވުމުގެ ކުރިން ހުއްޓުވައި ނައްތާލާފައިވާނެ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން މިއަދު ބުނެފިއެވެ.

މީގެ ތެރެއިން 2 ޑްރޯން ވައްޓާލީ ވެރިރަށް މޮސްކޯ މަތިން ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިިން ބުނެއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މިއީ 2022 ވަނަ އަހަރު ހަނގުރާމަ ފެށުނު ފަހުން ޔޫކްރޭނުން ދޭން މަސައްކަތް ކުރި އެންމެ ވަރުގަދަ ޑްރޯން ހަމަލާ ކަމަށެވެ.

ޔޫކްރޭނުން ޑްރޯން ބޭނުން ކޮށްގެން ރަޝިޔާގެ އެންމެ ފުނަށް ހަމަލާދޭން މަސައްކަތް ކޮށްފައި މިވަނީ ރަޝިޔާގެ އެންމެ ފުނަށް ހަމަލާދިނުމުގެ ހުއްދައަށް އެމެރިކާއިން ކިބައިން ޔޫކްރޭނުގެ ރައީސް ޒެލެންސްކީ އެދިފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިޔާގެ ދިފާއީ ބާރުތަކުން ބައެއް ޑްރޯންތައް ވައްޓާލީ މޮސްކޯ ވަށައިގެން ހުރި އަވަށްތަކުންނެވެ. މީގެ އިތުރުން ޔޫކްރޭނު ސިފައިންނާއި ރަޝިޔާ ސިފައިން ވަރުގަދައަށް ހަނގުރާމަ ކުރަމުން އަންނަ ރަޝިޔާގެ ކަރސްކް ސަރަހައްދުން 46 ޑްރޯން ވައްޓާލިކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާގެ ބަޔާނުގައިވެއެވެ.