ކުޅުދުއްފުށްޓަށް ދަތުރުކުރި ބޯޓެއްގައި ގަވާއިދާ ހިލާފަށް އުޅޭ 9 ބިދޭސީން ފެނި، އެ ފަރާތްތަކާމެދު އިމިގްރޭޝަނުން ފިޔަވަޅު އަޅައިފިއެވެ.

އިމިގްރޭޝަނުން ވަނީ މި ކަން ހާމަ ކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، އިއްޔެ ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިއަ ބޯޓެއްގައި ތިބި ބިދޭސީން ވަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އެ ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތްދީފައިވާ ކަމަށާއި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ދިމާވަމުން އަންނަ މައްސަލައެކެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށް ވިދާޅުވެފައެވެ.