ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުލުހުންގެ އާސާރު ދައްކައިލުމުގެ ހަރަކާތް ފަށައިފިއެވެ.
ގައުމީ ދާރުލް އާސާރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ހަރަކާތް ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު އާދަމް ނަސީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ގަރުނަކާ ގާތްވަމުންދާ ފުލުހުންގެ ހިދުމަތް ފެށިގެން އައި ގޮތަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ފުލުހުންގެ ޔުނިފޯމުގެ ނޫކުލައާއި ރިބަންފަށް ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ފުލުހުންގެ އާސާރަކީ ވަރަށް މުހިންމު އެއްޗެއްކަމަށާއި އެއީ ރައްކާތެރި ކުރަންވާނެ އެއްޗެއްކަމަށް ވިދާޅުވިއެވެ.
އަދި ދިވެހި ފުލުހުންގެ އާސާރުގައިވާ ކޮންމެ އެއްޗެއްގައި ވެސް ދިރުމެއްވާ ކަމަށާއި އެއިން ކޮންމެ އެއްޗެއް ވެސް ފުލުހުންގެ ތާރީހުގެ ވާހަކަ ދައްކާނެކަމަށާއި އެކަމުން ރަމްޒުކޮށްދެނީ ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުންކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމަށް ފުލުހުންގެ ފަރާތުން ރަމްޒީ ހަނދާނެއް އަރުވާފައިވެއެވެ. މި ރަމްޒީ ހަނދާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އާލީ ޝުޖާއުއެވެ.
މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުންނާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. އަދި އަމީނިއްޔާ ސްކޫލު ދަރިވަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ފުލުހުންގެ އާސާރަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވައިލާފައެވެ. އެގޮތުން މިއަދު 14:00 އިން ފެށިގެން 18:00 އާ ހަމައަށް އަދި 20:00 އިން 22:00 އަށް ހުޅުވިފައި ހުންނާނެއެވެ. އަދި މި މަހު 2 އިން 3 އަށް 9:00 އިން 16:00 އަށް އަދި 20:00 އިން 22:00 އަށް ހުޅުވިފައި ހުންނާނެއެވެ.
މި ހަރަކާތަކީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ހިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.