އިގްތިސާދު ޑައިވަރސިފައި ނުވަތަ ސިންދަފާތުކުރުމަށް، "އިންވެސްޓަރ ރެސިޑަންސީ" ޕްރޮގްރާމެއް ތައާރުފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެމަނިކުފާނުގެ މި ނިންމެވުމާ ގުޅިގެން އިގްތިސާދު ސިންދަފާތުކުރުމަށް ރިއަލް އެސްޓޭޓް ސިނާއަތް ކުރިއެރުވުމަށްޓަކައި، ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ޕަރލް ވިސާ ޕްރޮގްރާމް ކުރިއަށް ގެންދެވުމަށްވަނީ ހަމަޖައްސަވާފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމާ ގުޅޭ އެންމެހައި ކަންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އެޓަރނީ ޖެނެރަލް، މިނިސްޓަރ އޮފް ޓޫރިޒަމް އަދި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ރައީސްޔާގެ މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއް ކުރިއަށް ދިޔައެވެ. މި ބައްދަލުކުރެއްވުމުގައި ކަމާ ގުޅޭ ވަޒީރުންވަނީ މި ނިންމެވުމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.