އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށާއި، މިކަމަކީ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއް ކުރިއަށް ދިޔައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކަމާ ގުޅޭ ވަޒީރުންވަނީ މި ނިންމެވުމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.