1446 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ޤައުމީ ދުވަހަށް ޚާއްސަ ބަހުސެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ޓީވީއެމްގައެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހި ޢިލްމީ ޒުވާނުންކޮޅެއް ދެ ޓީމަކަށް ބަހާލައިގެން ވާދަކުރާ މި ބަހުސްގެ މައުޟޫޢަކީ "ދިވެހި ޤައުމިއްޔަތު ކުރިއެރުވުމުގައި އެންމެ މުހިންމީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުން" މި މައުޟޫޢުކަމަށެވެ. މި ބަހުސްގެ ރެކޯޑިންގ ޓެލެވިޜަން މޯލްޑިސްވްސްއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެ ވުޒާރާގެ ފަރާތުން ރޭ ވަނީ "ބޮޑުތަކުރުފާނުގެ ޖިހާދު" ގެ ނަމުގައި އާންމު ބައްދަލުވުމެއް ބާއްވާފައެވެ. މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޚާއްސަ ބައްދަލުވުން އޮތީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައެވެ. ދިވެހިރާއްޖޭގެ ޔުނިފޯމް މުއައްސަސާތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސްކައުޓާއި ކެޑޭޓާއި ގަރލް ގައިޑްގެ އިތުރުން ރެޑް ކްރެސެންޓާއި ކަރެކްޝަނަލް ސަރވިސްއިން ވެސް ބައިވެރިވެފައިވެއެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތު 04 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ ފަތިހު 5:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެދުވަހުގެ ހެނދުނު 8:15 ގައި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ދަރުބާރުގޭގައި އޮންނާނެއެވެ. މި ދެ ރަސްމިއްޔާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.