ރާއްޖެއަށް އެތެރެ ވަމުންދާ މުދަލުގެ އަދުދުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައިފިކަމަށް މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތައް، އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެއަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރު ވުމުންކަމަށް ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވިއެވެ.

މިކަން ދައްކައިދިނުމަށް ސީއީއޯ ވަޖީހް ސޯޝަލް މީޑިއާގައި ހިއްސާކުރި 2 ގްރާފުން ފެންނަނީ، ކޮންމެ އަހަރެއްގެ ވެސް އެވްރެޖް ކޮށް މަހެއްގެ މައްޗަަށް ރާއްޖެ އަށް ކާގޯ އެތެރެކުރެވިފައިވާ މިންވަރެވެ. ރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތައް ވަޒަން ކޮށްލުމަށްޓަކައި، އެ ގްރާފްތަކުން ދައްކައި ދީފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެ އަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެއިނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރެވެ.

ގްރާފައަށް ހަވާލާދީ ސީއީއޯ ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު މީގެ ކުރިން، ކޮންޓެއިނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރުގައި ކަމަށެވެ.

ސީއީއޯ ވަޖީހް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚްގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމަކީ ގަބޫލް ކުރަން ޖެހޭ ހަގީގަތެއްކަމަށެވެ. އަދި މިއިން ދައްކައި ދެނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއިއެކު ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިޤްތިސާދު ކުރިއަރަން ފަށާފައިވާ ކަމަށް ވަޖީހް ފާހަގަކުރިއެވެ.

މީގެ އިތުރުން، މިހާރު ފެށުމަށް ތައްޔާރު ވަމުންދާ، މިސަރުކާރުގެ މުހިއްމު ޕްރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިޤްތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމަށް ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވިއެވެ.