ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

އެ ދަތުރުފުޅުގައި ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ބައްދަލުކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ފޮރިން މިނިސްޓަރު ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު އަދި ޕްލޭނިން މިނިސްޓަރާއެކު ޖޮއިންޓް މީޓިންގއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވި އެވެ.

މިއީ އޭނާ 2019 ވަނަ އަހަރުގެ މެއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރެވެ.