ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލުނެރެ، އެކަމަށް ސަމާލު ވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ ރ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމައަށެވެ. މި ސަމާލުގެ މުއްދަތަކީ މެންދުރު 12:30 އާ ހަމައަށެވެ.

މެޓުން ބުނީ އެ ސަރަހައްދުތަކުގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހަމައެއާއެކު ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.