ވިޔަފާރިވެރިންނާ ހިދުމަތްދޭ އިދާރާތަކާ ގުޅުވައިދޭ ޕްލެޓްފޯމު "ޓްރޭޑިއަން" ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި ޕްލެޓްފޯމު އިފުތިތާހު ކޮށްދެއްވީ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް ރަސްމީގޮތުން އިފުތިތާހުކުރުމަށް މިއަދު ހެނދުނު ޖެން މޯލްޑިވްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެމަނިކުފާނު މިއަދު އިފުތިތާހުކޮށްދެއްވި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ހިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ.

މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލެކެވެ. މި ޕްލެޓްފޯމުގެ ބޭނުން ރަސްމީގޮތުން ކުރަން ފެށުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.