ޔޫކްރެއިންގެ ޕޮލްޓާވާގައި ހުރި އަސްކަރީ ތަމްރީނު މަރުކަޒަކަށާއި އެތަނާ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ރަޝިއާއިން މިސައިލް ހަމަލާއެއް ދިނުމުގެ ސަބަބުން 50 އަށްވުރެ ގިނަ މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެކަމަށް ޔުކްރެއިންގެ އޮފިޝަލުން ބުނެފިއެވެ.

މި ހަމަލާގައި ބޭނުންކޮށްފައިވަނީ ދެ އިސްކަންދަރް-އެމް ބެލިސްޓިކް މިސައިލެވެ. މި މިސައިލްތައް އަމާޒުކޮށްފައިވަނީ "ތަޢުލީމީ މަރުކަޒަކަށް" އަދި ޕޮލްޓާވާ އަސްކަރީ މުވާސަލާތީ އިންސްޓިޓިއުޓަށެވެ. މި ހަމަލާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ޓެލެގްރާމް މެދުވެރިކޮށް މި ހަމަލާގެ ތަފްސީލު ހިއްސާކޮށްފައެވެ. އަދި އޭނާ ވަނީ ކީވްއިން 190 މޭލު ދެކުނު އިރުމަތީގައި އޮންނަ ޕޮލްޓާވާގައި ލިބުނު ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. މި ހަމަލާއަކީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި އެންމެ ގިނަ މީހުން މަރުވި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ. މިއީ ޖުލައި މަހު ކީވްއަށް ދިން މިސައިލް ހަމަލާގައި 41 މީހުން މަރުވި އަދަދަށްވުރެ ގިނަ އަދަދެކެވެ.

ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ދާއިރު، މިހާތަނަށް 11 މީހުން ވަނީ ވެއްޔާއި ސިމެންތިގަނޑުގެ ތެރެއިން ނެރެވިފައެވެ. ޔުކްރޭންގެ އިންޓީރިއަރ މިނިސްޓަރު އިހޯރް ކްލިމެންކޯ ވަނީ އަލިފާން ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި، އިމާރާތުން ހަލާކުވި ބައިތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކަށަވަރުކޮށްދީފައެވެ.

ޒެލެންސްކީ ވަނީ މި ހަމަލާގެ ޙާލަތްތަކާ ބެހޭގޮތުން ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ގޮވާލާފައެވެ. އެހެންނަމަވެސް ރަޝިޔާއިން މި ހާދިސާއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޔުކްރެއިންގެ ދިފާއީ މިނިސްޓްރީން މި ދުވަސް ވަނީ ޕޮލްޓާވާއަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި ހަމަލާ ދީފައިވަނީ މީހުން ބޮމް ހިޔާތަކަށް އެވަކުއޭޓްކުރަމުންދިޔަ ވަގުތުގައި ކަމަށް ފާހަގަކޮށްފައިއެވެ.