ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 7 ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި، 1 ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ހަނދާނީ ފިލައެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

މިއަދު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުންނަކީ:

  • 1. ދެމިހުންނަނިވި ހާއްސަ ހިދުމަތެއްކުރުމުގެ ދާއިރާއިން: އަލްމަރްޙޫމް މުހައްމަދު ތައުފީގުގެ ހަނދާނަށް، ތަޅަމުދިގެ
  • 2. ސިއްހީ ދާއިރާއިން: ޑޮކްޓަރ އަބްދުލްއަޒީޒު ޔޫސުފް، ވ. އަކީލާ
  • 3. ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން: މުހައްމަދު މާޖިދު، ހުޅުމާލެ. ފްލެޓް ނަންބަރު 02-3-74.
  • 4. ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން: މޫސާ ލަތީފް، މ. ހުސްނޫ
  • 5. ކުޅިވަރުގެ ދާއިރާއިން: މުހައްމަދު ނާސީރު، މ. މެޓްރޯވިލާ
  • 6. ކުޅިވަރުގެ ދާއިރާއިން: އަހުމަދު މުހައްމަދު، ވ. ރޭދުވާ
  • 7. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ހަސަންމަނިކު، ވ. ކަންދު

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 10 ބޭފުޅަކަށާއި، ކުންފުންޏައަކީ:

  • 1. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ އަހުމަދު އިބްރާހީމް، ޒަމާނީގެ، ނ. ހޮޅުދޫ
  • 2. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްއުސްތާޒު ޢަބްދުއްރަހުމާން ޔޫނުސް، މަޒާ، ރ.އަލިފުށި
  • 3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް އިއްޒައްދީން އަދުނާން، ދަފްތަރު ނަންބަރު ރސ 121324.
  • 4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް އަހުމަދު މައުމޫން، މާބަގީޗާގެ، ސ.މަރަދޫ
  • 5. ތައުލީމީ ދާއިރާއިން; ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން: އިސްމާއީލް ސާޖިދު، މއ. ވިލާރޮދި
  • 6. މަސްވެރިކަމުގެ ދާއިރާއިން; ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ތައްޚާނު ، ވާކަރުގެ،ގއ. ވިލިނގިލި
  • 7. ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން; ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން: ރިޔަން ޕްރައިވެޓް ލިމިޓެޑް
  • 8. ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން; އިގްތިސާދަށް މުޅިން އައު ޚިދުމަތްތަކާއި މަސައްކަތްތައް ތައާރުފުކޮށް، ތަރައްގީކޮށް، ކުރިއެރުވުމުގެ ރޮނގުން: ޢާމިރު މަންޞޫރު، މއ. މަނަސް
  • 9. ބޯޓް ބިލްޑިންގގެ ދާއިރާއިން; އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓްފަހަރު ބަނުމުގެ ރޮނގުން: އަބްދުއްރަޙްމާނު ޔޫސުފު، ރީފް، ރ.އަލިފުށި
  • 10. ކަލިނަރީ އާރޓްސްގެ ދާއިރާއިން; މީހުން ބިނާކުރުމާއި ތަރައްޤީކުރުމުގެ ރޮނގުން: ފާތިމަތު އުމަރު، ދޯދި، ހއ. ފިއްލަދޫ
  • 11. ޒުވާނުންގެ ދާއިރާއިން; ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: ޙުސައިން އަލީ، ނޫރާނީމާގެ، ނ.ހެނބަދޫ

މި ޖަލްސާގައި ރައީސް ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދެވޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.