ދިވެހި ކާބަފައިންނަކީ މި ގައުމުގެ ދިފާއުގައި ހުރިހައި މާނައެއްގައި ހުރިހައި ޒަމާނެއްގައި މަސައްކަތްކުރި ބައެއްކަމަށާ ދިވެހި ތަރިކަތައް ހެކިދެނީ އެގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވެވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި އެ ހަމަލާތަކުން ސަލާމަތްވެގަންނަ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ. އެގޮތުން ދިވެހީން އަޅުވެތިކުރުމަށް ޕޯޗުގީޒުން ފޮނުވި ލަޝްކަރާ ދެކޮޅަށް ދިވެހީން ތެދުވެ، އެ މީހުން ބަލިކޮށް، އަލުން މިނިވަންކަން ހޯދައިގަތްގޮތުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުންކަން ފާހަގަކުރައްވައި އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވާފައި ވަނީ ވެސް މި އަސާސުގެ މައްޗަށްކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން މިހާރު ގާއިމުވެ ނެތުމުގެ ސަބަބަކީ ވެސް އެއީކަމުގައެވެ. އަދި އެންމެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ގައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތަޢާރަފުކުރެވި ދާއިރާގެ ތައުލީމާ ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދަވަނީ ވެސް އެ ބޭނުމުގައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހި މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރާ ތަބީއީ ސިއްރަކީ ބަނޑުފުރާނަ މުއްތިކުރާ މައިރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުޤު ކަމުގައިވުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ގައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކާ މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭކަމަށާ އަދި ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައިވެސް ގުޅިފައި އޮންނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.