އެންމެންގެ މަދަދުވެރިކަމާއެކު ދިވެހި އަހުލާގީ ދަންމަރު އަލުން މި ރާއްޖޭގައި ހުޅުދާންކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވެވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ މި ގައުމުގައި އިސްލާމީ އަހިލާގައެކު އިސްލާމީ ދިވެހި އާދަކާދަވެސް ދިރުވައި އާލާކުރަން ޖެހޭކަމުގައެވެ. އަދި މި ކަމުގައިވެސް ދިވެހީންގެ ވަރަށް ކައިރި ތާރީހު ދައްކަނީ އާދަޔާ ހިލާފު ރީތި ނަމޫނާއެއްކަމުގައި ފާހަގަކުރައްވައި އޭރުގެ ދިވެހިންގެ އާދަކާދަތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ހަމައެއާއެކު ރައީސް ވަނީ ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަކުރުމުގައި ކުރީގެ ރިވެތި ސިފަތައް ބޭނުންފުޅުވާކަމުގައި ފާހަގަކުރައްވާފައެވެ.
އަދި މި ސިފަތައް އާލާކުރުމަށް ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ހަމައިންފެށިގެން އާއިލާއަށާއި ގާތް މީހުންފެ ކިބައިގައި މި ސިފަތައް އަށަގެންނެވުމަށް ބާރުއެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަސިޔާރު ފިކުރީ ރާޅުތަކުން ގައުމުގެ އެކި ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތަކުމެ އިސްނެންގެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ދިވެހި ގައުމުގެ ގައުމިއްޔަތު ހިމާޔަތްކޮށް އިޔާދަކުރުމަށް އަޒުމު ކަނޑައަޅާ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ބާރުއަޅުއްވަމުންނެވެ.