މި މަހުގެ އަށްވަނަ ދުވަހު ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ މަރާލި އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދައިފި އެވެ.

ފުލުހުން ވިދާޅުވީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ، މިމަހުގެ 15 ވަނަ ދުވަހު އެވެ.

އުދައްޔުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަނީ މަރުވި ސީދާ ސަބަބު ހޯދުމަށް އަދި ތަހުގީގާއި ޝަރީއަތުގެ މަރުހަލާއަށް ކުރިމަތިވާ ގިނަ ސުވާލުތަކެއްގެ ތަފްސީލީ ޖަވާބު ޕޯސްޓުމޯޓަމްއިން ލިބިގެންދާނެތީ ކަމަށް ފުލުހުން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.