ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ގައި ތައިވާނުން ޖަޕާނަށްވުރެ ކުރި ހޯދާފައިވާކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖީޑީޕީއަކީ ގައުމުގެ އުފެއްދުންތެރިކަމުން އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީއެވެ. އައިއެމްއެފުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ތައިވާނުގައި ބޮލަކަށް 34،430 އެމެރިކާ ޑޮލަރު ޖެހެއެވެ. އެމެރިކާ އާއި ޗައިނާ އަދި ޖަރުމަނުގެ ފަހަތުން ދުނިޔޭގެ 4 ވަނައަށް އެންމެ ވަރުގަދަ އިޤްތިސާދެއް އޮތް ޖަޕާނުގައި މިއަހަރު ބޮލަކަށް ޖެހިފައި ވަނީ 33،140 އެމެރިކާ ޑޮލަރެވެ.

ތައިވާނުގެ ނެޝަނަލް ޑިވެލޮޕްމަންޓް ކައުންސިލް (އެންޑީސީ) ގެ މިނިސްޓަރު ޕައުލް ލިއު ވިދާޅުވީ 2028-2025 ދެމެދު ތައިވާނުގެ އިޤްތިސާދީ ކުރިއެރުން ހުންނާނެކަމަށް ލަފާ ކުރެވެނީ 3.91-3.77 އިންސައްތައާ ދެމެދުގައި ކަމަށެވެ. އަދި އަމާޒަކީ 2027 ވަނަ އަހަރު ނިމޭއިރު 40،000 އެމެރިކާ ޑޮލަރަށް ޖީޑީޕީ މައްޗަށް ޖެއްސުން ކަމަށް މިނިސްޓަރ ލިއު ވިދާޅުވިއެވެ.

ލިއު ވިދާޅުވީ ތައިވާނުގެ އިމްޕޯޓް/އެކްސްޕޯޓުގެ ދާއިރާ ބާރުދުވެލީގައި ފުޅާވަމުން އަންނަ ކަމަށާއި ޕްރައިވެޓް އިންވެސްޓްމަންޓްތައް ތައިވާނުގައި އިންވެސްޓް ކުރަމުން އަންނަ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ.