ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ، އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މި ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ އިއްޔެ ރޭ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން މީސް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގާދިޔަ އެކްސިޑެންޓެއްގައި އިއްޔެ ރޭ މެންދަމުވަނީ މީހެއްގެ ފުރާނަ ގެއްލިފައެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވީ ލ. އިސްދޫ، ހަސަން ސަމާހުއެވެ. ހަސަން ސަމާހު ނިޔާވުމާ ގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޕޯސްޓުގައި 23 އަހަރުގެ ހަސަން ސަމާހުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުއާ ކުރައްވާފައިވެއެވެ.

ހަމައެއާއެކު، ރައީސްގެ ޕޯސްޓުގައި، ނުރައްކާތެރިކޮށް ދުއްވުމާ ގުޅިގެން ހިނގާ އެކްސިޑެންޓުފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ، އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާނެ ކަމެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވައިފިނަމަ އެފަދަފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަގަވާފައިވާކަން ފާހަގަކުރައްވަމުންނެވެ.